އެއަރ ޓެލް ޑިޝް އެންޓަނާ މަނާކުރުން
ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކުގެ މަތީން އާސަރުކާރެއްގެ ބިންގާއެޅި، އާސަރުކާރެއް ވެރިކަމާއި ހަވާލުވުމުން ގިނަބަޔަކަށް ހީވެފައި އޮތީ ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ މާޒީ ތަކުރާރު ނުވާނެ ކަމަށެވެ. ރައްޔިތުންގެ މަސްލަހަތައް ބަލާފައި ގޮތްތައް ނިންމާނެ ސަރުކާރަކަށްވާނެކަމަށެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މުޅިން އެހެން މަންޒަރެކެވެ. ދިވެހި ސަރުކާރު، އާދެ! ރައްޔިތުންގެ ސަރުކާރެއްކަމުގައި ފެށުނީއްސުރެ ދައުވާކުރަމުން އަންނަ ސަރުކާރުން ރައްޔިތުންގެ މަސްލަހަތު ނަގާލާ، މުއްސަނދީންނާއި ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެވެ.

މިކަމުގެ ނަމޫނާ ހެއްކަކީ ދީން ހިމާޔަތްކުރުގެ ނަމުގައި މިސަރުކާރުގެ އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން، ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދަމުން އަންނަ އެއަރ-ޓެލް ޑިޝް އެންޓަނާ އެތެރެކޮށް ބޭނުން ކުރުން މަނާކުރި ކުރުމެވެ. ސަބަބެއް ކަމުގައި އެވުޒާރާގެ ވަޒީރު އަންގަނީ މިޑިޝް އެންޓަނާއިން ދައްކާ ޗެނަލެއްކަމަށްވާ 'ގޯޑް ޓީވީ' ން އިސްލާމްދީނަށް ފުރައްސާރަކޮށް ކްރިސްޓިއަންދީން ފެތުރުމަށް ބާރު އަޅާތީއެވެ.

މިލިޔުން ލިޔާއިރު އަޅުގަނޑުގެ ހަނދާނަށް އަންނަނީ ހަވީރު އޮންލައިން ގައި އިން ލިޔުމަކަށް ލައިޓް ކިޔާ ބޭފުޅަކު ކޮށްފައިއޮތް ކޮމެންޓެކެވެ.

"ބަލަ މިއީ ޓޯޗް ބައްތި ލައިސަންސް ނަގަން ޖެހުނު ޒަމާނެއް ނޫނޭ، ދީނީގޮތުން މަނާ ކުރާނަމަ ހިންދީ ޑްރާމާ ދެއްކޭނެ އެއްވެސް ގޮތެއް އެބައޮތްތޯ"

އާދ! ރަނގަޅު ވާހަކައެކެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. އަޅުގަނޑުމެން ހިތުން އިންސާނީ ހައްގުތަކަށް ގޮވާލާ ސަރުކާރެއްގެ ވެރިކަން ދިވެހި ގައުމުގައި އަޅުގަނޑުމެން ގާއިމް މިކުރީ މިކަހަލަ ޒަރޫރީ ބޭނުންތަކަށް ލައިސަންސް ނަގަން ނުޖެހޭ ގޮތް ހަދަންށެވެ. ނަމަވެސް ކަންތައް މިވީ އެހެނަކުން ނޫނެވެ. އިސްލާމީ ވުޒާރާއިން ދީން ހިމާޔަތްކުރުމުގެ މާތް ނަމުގައި އެކުރާ މަސައްކަތް ކުރާ ކަމަށް ވަންޏާ، ދީން ހިމާޔަތްކުރަން އަޅާ ފިޔަވަޅުވެސް ހަމަހަމަ ކޮށްލަދޭށެވެ. މިއީ ދީން ހިމާޔަތް ކުރުމަށް އެޅި ފިޔަވަޅެއްކަމުގައި ވަނީނަމަ ހިންދީ ޑްރާމާތަކުން ދައްކާ ޗެނަލްތައް ދެއްކުންވެސް ހުއްޓުވަން ޖެހޭނެއެވެ.

އަނެއް ވާހަކައަކީ އިންޓަނެޓްގެ ވާހަކައެވެ. އިސްލާމީ ވުޒާރާއާއި މިކަމަށް ސުވާލު ކުރިމަތި ކުރުވުމުން ދީފައިވަނީ ވަރަށްވެސް ޒިންމާދާރު ނޫން ޖަވާބެކެވެ. އެބޭފުޅުން، ކަސްޓަމްސް މެދުވެރިވެގެން ރާއްޖެއަށް އެތެރެވާ ދީނަށް ފުރައްސާރަވާ އެއްޗެހި މަނާ ކުރަނީ ޔޯލައެވެ. އަޅުގަނޑު ހިތަށް އަރަނީ ކަސްޓަމްސް މެދުވެރިވެގެން ދީނާއި ޚިލާފް ޕްރޮގްރާމްތައް ފޮނުވަނީ ޑިޝް އެންޓަނާ ތަކުގެ ތެރެއިން އެއަރ-ޓެލް އެކަނިބާއެވެ. އެއަރޓެލް ނޫން އެހެން އެއްވެސް ޑިޝް އަކުން ދައްކާ ޗެނަލެއްގައި އިސްލާމްދީނަށް ފުރައްސާރަކުރާ ނުވަތަ އެހެންދީނަކަށް މަގުފަހި ކުރުވާ މަންޒަރެއް ނުދައްކަނީބާއެވެ.

ވިސްނާލަންޖެހޭ އަނެއް ނުކުތާއަކީ އަގެވެ. ކޮންމެ މީހަކުވެސް އަގުގެ ގޮތުން ރަނގަޅު ދިމާއަކަށް ދާން ބޭނުންވާނެއެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުވެފައި ވީޑިއޯ ކޮލިޓީ ރަނގަޅުވެއްޖެއްޔާ އެފަދަ ވަސީލަތަކަށް ދެވިހިފާނެއެވެ. އަދި އަމުދުން ބަލާލަން ލިބޭ ޗެނަލްތައް ގިނަވެފައި ތަފާތު ގިނަ ރޭޑިއޯތަކުގެ އަޑު އެއްތަނަކުން ލިބޭ ދިމާއަކަށް ދިއުމަކީ އިންސާނީ ޠަބީއަތެވެ. ޚާއްސަކޮށް ރާއްޖޭގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ކޭބަލް ޓީވީ ގެ ޚިދުމަތް ހޯދަން މިޖެހެނީ ލޯކަލް އޮޕަރޭޓަރުންނަށް 300 ރުފިޔާ އާއި 500 ރުފިޔާއާއި ދެމެދުގެ އަގެއް ދީގެން 20 ޗެނަލާއި 50 ޗެނަލާއި ދޭތެރޭގެ އަދަދެއްގެ ޗެނަލެވެ. އަދި އަމުދުން ދިހަ ބާރަ އަހަރުވާއިރު ވެސް ރާއްޖޭގެ އެތައް ރައްޔިތުން މިވަނީ މި ޚިދުމަތުން މަހުރޫމްވެފައެވެ. މިއަދު ރަނގަޅުގޮތެއް މެދުވެރިވެ އަޅުވާލަން ފަސޭހަ ޑިޝް އެއް ލިބި އަގުހެޔޮކޮށް ގިނަ ޗެނަލްތައް ލިބޭ ދިމާއަކަށް ރާއްޖެ ނުދާންވީ ކީއްވެހެއްޔެވެ!

ކޮންމެއަކަސް މިއަދުގެ ސަރުކާރުން ވަކި ވިޔަފާރިވެރިންތަކެއްގެ މަސްލަހަތު މިއޮތީ ހިމާޔަތްކޮށްފައެވެ. އަޅުގަނޑުމެން ރުހުނަސް ނުރުހުނަސް ކަންތައް އޮތީ މިހެނެވެ. މިއަދު މިއޮތީ ރާއްޖޭގެ އޮޕަރޭޓަރުންނަށް އެމީހުންގެ ބާރު އަނެއްކާވެސް ދިވެހިރައްޔިތުންނަށް ދެއްކޭ ގޮތަށް މަގު ފަހިވެފައެވެ. އާދެ! އެބޭފުޅުން ދެންނެވި ފަދައިން މައްސަލައިގެ ހައްލު މިއަދު މިއޮތީ ލިބިފައެވެ. އެބޭފުޅުން ދެންނެވިފަދައިން 'ދީނީ އިޝޫއެއް ފެންމަތި ކޮށްގެންނެވެ' މިއީ ދީން ވިޔަފާރީގެ ޓޫލް އަކަށް ބޭނުންކުރުން ނޫން ދެން ކޮންގޮތެއްތޯއެވެ.

އަދިވެސް ވަގުތު އެބައޮތެވެ. ދިވެހި ސަރުކާރެވެ. އަލުން ވިސްނަވާށެވެ.
.

0 comments: